ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ޖަލްސާގެ ނިންމުންތައް

1445 ވަނަ އަހަރު އަޟުޙާޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގދ. ރަތަފަންދޫ ، ގދ.ފިޔޯރީ އަދި ފަރެސްމާތޮޑާއަށް ފައިސާގެ އެހީތެރިކަމެއް ބަޖެޓް ސަޕޯޓެއްގެ ގޮތުން އަތޮޅުކައުންސިލުން ރަށްރަށުގެ ކައުންސިލްތަކަށް އެހީތެރިކަމެއް ވަނީ ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިގޮތުން އަތޮޅުކައުންސިލު ރަށްރަށުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ބަޖެޓްކޯޑުން، ގދ. ރަތަފަންދޫ އަދި ފިޔޯރީ، މިއިން ކޮންމެ ރަށަކަށް  30000.00ރ (ތިރީސް ހާސް ރުފިޔާ) ދިނުމަށް ނިންމާފައިވާއިރު، ގދ. ފަރެސްމާތޮޑާއަށް 50،000.00ރ (ފަންސާސްހާސް ރުފިޔާ) ގެ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ވެސް ވަނީ ކައުންސިލްގެ 19 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައެވެ.

 

މި ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ތިނަދޫ ސިޓީ އަކަށް ބަދަލުވުމާގުޅިގެން ތިނަދޫ ސިޓީގައި ރައްޔަތުންނަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ޤާއިމް ވެގެންދާނެކަމަށް ޤަބޫލްކުރެވޭތީވެ މި ޚިދުމަތް ހޯދުމަށް ތިނަދޫ ސިޓީއަށް ޒިޔާރަތްކުރާ އަތޮޅުގެ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ގޮތަކަށް އެކޮމަޑޭޝަން ލިބޭގޮތް ހެދުމުގެ މަޤުޞަދުގައި އަތޮޅުކައުންސިލަށް އާމްދަނީ ލިބޭގޮތަށް ކުއްޔަށް ދޫކުރުމަށް ކުރީގެ އަތޮޅުއޮފީސް ހުރި ބިމުގައި އެކަމޮޑޭޝަން ބޮލޮކެއް ޢިމާރާތްކުރުމާމެދު ވަނީ މަޝްވަރާކޮށް ގޮތެއް ނިންމާފައެވެ. އިތުރު ކަމެއް ގޮތުގައި ހޯނޑެއްދޫ މަގުތައް ހަލާކުވުމާ ގުޅިގެން މަގު ބޭނުންކުރާ، މަޑަވެލި، ހޯނޑެއްދޫގެ ރައްޔިތުންނަށްވާ އުނދަގޫ ފިލުވުމާއި އަލަށް ހަދަން ނިންމާފައިވާ މަގު ހެދުމާއި ގިރާ ސަރަޙައްދަށް ފަސްއެޅުމަށް ޕަބްލިކްވޯކްސްގެ ވެހިކަލްތައް ހޯނޑެއްދޫއަށް ފޮނުވުމާ ގުޅޭގޮތުން ވަނީ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައެވެ.

ކައުންސިލް ބައްދަލުވުމުގައި ކައުންސިލް އިދާރާގެ އެއްގަމު އުޅަނދުތަކުން ފީ ނެގުމާބެހޭ އުޞޫލާއި ކައުންސިލް ބަޖެޓުގައި ހިމަނާފައިވާ ޢިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށާއި ރަށްވެހި ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުމުގެ ޚާއްޞަ އުޞޫލެއް  ވަނީ ފާސްކޮށްފައެވެ. އަދި މީގެއިތުރުން ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލަށް ފައިސާ ދޫކުރުމުގެ އެއްބަސްވުން ފައިނަލްކޮށް މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ އެންމެހާ މެމްބަރުން ބައިވެރިވެފައިވޭއެވެ.