12 މުއައްސަސާއެކު އެމްއެންޔޫ ފަހި ފުރުސަތު ތިނަދޫ ސިޓީގައި ފަށައިފި

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން އިންތިޒާމްކޮށްގެން ބާއްވާ ޖޮބް ފެސްޓިވަލްގެ ތެރެއިން ހުވަދުއަތޮޅު ދެކުނުބުރީގައި ކުރިޔަށް ގެންދާ ޖޮބް ފެސްޓިވަލް ތިނަދޫ ސިޓީގައި ފެށިއްޖެ އެވެ.

އެމްއެންޔޫ ފަހި ފުރުސަތު ޖޮބް ފެސްޓިވަލްގެ ނަމުގައި ޖުމުލަ 12 މުއައްސަސާގެ ބައިވެރިވުމާއި އެކު މި ފެސްޓިވަލް ތިނަދޫ ސިޓީގައި ފެށީ މިއަދު ހަވީރު އެވެ.

މި ފެސްޓިވަލްގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްއިން ވަނީ ބައިވެރިވެފައެވެ. އެ މުއައްސަސާއިން އާންމުންނަށް ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި ޙިދުމަތްތަކާ ބެހޭ މަޢުލޫމާތު މި ފެސްޓިވަލްގެ ސްޓޯލުން ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ޖޮބް ފެސްޓިވަލަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމްއެންޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ. މި ފެސްޓިވަލުގެ މަޤްޞަދަކީ،  ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެންމެ ފަހުން މި ފެސްޓިވަލް ކުރިޔަށް ގޮސްފައިވަނީ 2023 ވަނަ އަހަރުގައެވެ.