ގދ އަތޮޅު ކައުންސިލުން ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި!

އިއްޔެ ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ގދ. އަތޮޅު ކައުންސިލުން ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

ތިނަދޫ ސިޓީގައި ހުންނަ ގދ. އަތޮޅު ކައުންސިލްގެ ސްޓޭޓް ހައުސްގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި މި ކައުންސިލުން ވަނީ ގދ. އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމުގެ ޙަރަކާތް އިފްތިތާޙްކޮށް އަތޮޅުގެ ސްކޫލުތަކަށް ޑަސްބިން ހަދިޔާކޮށްފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ސަރުކާރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ތެރެއިން ގދ. އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމަށް މި ކައުންސިލުން އަމާޒުހިފައި އެކަމުގެ ޢަމަލީ މަސައްކަތް އިއްޔެ ވަނީ ފެށިފައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ އިރުއުތުރު ފަރާތުގައި ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް  ވަނީ ކުރިއަށް ގެންދެވިފައެވެ. މި ޙަރަކާތުގައި އަތޮޅަށް ނިސްބަތްވާ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.

ގދ. އަތޮޅުގެ ރަށްތަކުގައި އެއްލައްކަ ގަސް އިންދުމުގެ ޙަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިޙަތު ޤުދުރަތުالله އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިޙަތު ޤުދުރަތުالله  ވަނީ ކޮންމެ ދުވަހަކީ ވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައަޅައި އެކަމަށް ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ޙަރަކާތްތަކުގެ ތެރެއިން މި އަތޮޅު ކައުންސިލުން ވަނީ ގދ. އަތޮޅުގެ 11 ސްކޫލަކަށް ޑަސްބިން ހަދިޔާކޮށްފައެވެ. އެގޮތުން ކޮންމެ ސްކޫލަކަށް މަދުވެގެން 10 ޑަސްބިން  މި ކައުންސިލުން ވަނީ ހަދިޔާކޮށްފައެވެ.

ޑަސްބިން ހަދިޔާކުރި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، މަޑަވެލި ސްކޫލް، ހޯނޑެއްދޫ ސްކޫލް، ނަޑެއްލާ ސްކޫލް، ރަތަފަންދޫ ސްކޫލް، ވާދޫ ޖަމާލުއްދީން ސްކޫލް، ފިޔޯރީ ސްކޫލް، ގދ. އަތޮޅު މަދަރަސާ އަދި ހުވަދޫ ސްކޫލެވެ.

މިއަދު ކުރިޔަށް ގެންދިޔަ ދެ ޙަރަކާތަކީ އަތޮޅު ކައުންސިލުން މި އަހަރަށް ބަޖެޓްކުރެވިގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުހިންމު ޙަރަކާތްތަކެވެ.