ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް 2023ގެ ކިޔެވުން ފަށައިފި

 253 ދަރިވަރުންނާއެކު “ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް 2023” މިއަދު ހެނދުނު ތިނަދޫ ސިޓީގައި ފަށައިފިއެވެ.

މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި އަތޮޅުގެ 11 ސްކޫލް މަދަރުސާ، 06 ޤުރްއާން ކްލާސް އަދި ޖަމްޢިއްޔާޖަމާއަތްތަކުން ވާދަކުރާ މި ވާދަވެރި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 193 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި 58 ދަރިވަރުންނާއެކު ޖުމްލަ 253 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ. މުބާރާތުގައި ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖު 01 އިން ކީސްޓޭޖު 05ގެ އިތުރުން ސެން އަދި ޚާފިޒުންގެ ބައިން ވާދަކުރާނެއެވެ.


މި މުބާރާތް ކުރިއައް ދާނީ ނޮވެމްބަރ 02 އިން 04 ނޮވެމްބަރ 2023 އަށް އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ ޖަލްސާ ކުރާމާލަމްގައެވެ.


މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ، އަލްޤާރީ އިބްރާހީމް ޝިފާޢު، އައްޝެއިޚް ހަސަން ތައުފީޤް އަދި އަލްޤާރީ އަހުމަދް ރިއާޟްއެވެ.


މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައެވެ.


އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށްގެންދާ މި ޤުރްއާން މުބާރާތަކީ ގދ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސާ، ޤުރްއާން ތަޖުވީދުމަގުން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި އެއްވަނައަށް ދާ ފަރާތަށް 20,000.00ރ (ވިހިހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. ހަމައެޔާއެކު ދެވަނައަށް ދާ ފަރާތަށް 15,000.00ރ (ފަނަރަހާސް ރުފިޔާ) ލިބިގެން ދާއިރު ތިންވަނަޔަށް ދާ ފަރާތަށް 10,000.00ރ (ދިހަހާސް ރުފިޔާ) ދިނުމަށް ވަނި ހަމަޖެހިފައެވެ. އަދި މީގެއިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީއަކަށް ވެސް ވަނީ ފައިސާގެ އިނާމް ކަނޑައެޅިފައެވެ.


މުބާރާތުގެ މައިގަނޑު އަމާޒަކީ ޤައުމީ ޤުރްއާން މުބާރާތުގައި މި އަތޮޅު ތަމްސީލް ކުރާނެ މޮޅު ދަރިވަރުން ހޯދުމެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ގދ. އަތޮޅު ތަމްސީލްކުރުމުގެ ފުރުޞަތު ލިބޭނެއެވެ.