ގެވެށި ގުޅުން ކެމްޕެއިން އާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ގދ.އަތޮޅު ކައުންސިލާއި އެކު ޖެންޑާމިނިސްޓްރީ އިން ބައްދަލު ކުރައްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިން އާއި ގުޅޭ ގޮތުން މަޝްވާރާ ކުރެއްވުމަށް އެ މިނިސްޓްރީގެ ފަރާތުން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ގދ.އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ގދ. އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ޙަސަން އާއި، ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް، ޖީޒާ ޙަސަން ގެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވަނީ “ގެވެށި ގުޅުން”ގެ ކެމްޕެއިންގ ދަށުން ގދ.އަތޮޅު ގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިހުރި ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއި އެކީ ކުރިއަށް ގެންދިޔުމަށް ގދ.އަތޮޅު ކައުންސިލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

“ގެވެށި ގުޅުން” އަކީ 15 ޖުލައި 2020 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ފަށާފައިވާ ޤައުމީ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މައިގަޑު މަޤްސަދުގެ ތެރޭގައި، ގެވެށި އަނިޔާއަށް މުޖުތަމަޢު ހޭލުންތެރި ކުރުވައި ދުޅަހެޔޮ މުޖްތަމަޢު އެއް ބިނާ ކުރުމާއި، އެ މަސައްކަތުގައި ކޮންމެ ފަރުދަކީވެސް މުހިންމު މީހެއްކަން ބުނެދިނުން ހިމެނެއެވެ.