އައްޑޫ ސިޓީގެ މޭޔަރ އަތޮޅު ކައުންސިލްގެ ރައީސް އާއި ބައްދަލުކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު އާއި އެކައުންސިލްގެ ބައެއް މެމްބަރުން އަދި ސެކެޓްރީ ޖެނެރަލް އާއި ހުވަދު އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ބައްދަލު ކުރައްވައިފިއެވެ.

 

މިއަދު ގދ.އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގދ.އަތޮޅު ކައުންސިލްގެ މެމްބަރ ސަޢުދު އަލީ އާއި، މުޙައްމަދު އަބްދުﷲ ގެ އިތުރުން އިދާރީ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

 

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަދި މެމްބަރުންނާއި އެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން، ދެކުނުގެ 4 އަތޮޅު ދެމެދު އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން ގދ.އަތޮޅާއި، އައްޑޫ ސިޓީ އާއި ދެެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ހިންގިދާން ހަރަކާތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

 

މިއަދުގެ މި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަރާތުންވަނީ މޭޔަރ އާއި ކައުންސިލް މެމްބަރުންނަށް ޚާއްސަ މެންދުރުގެ ފަރިއްކޮޅެއް އަރުވާފައެވެ.