ގދ.އަތޮޅު ކައުންސިލްގެ ރައީސް ނިލަންދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ބައްދަލު ކުރައްވައިފިއެވެ.

ނިލަންދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން އާދަމް އާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖާހިދު އަދި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ، ނިލަންދޫ ކައުންސިލްގެ ދަޢުވަތަކަށް ގދ.އަތޮޅު ކައުންސިލް ރައީށް އެރަށަށް ވަޑައިގެން ކުރެއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި ވަނީ، ގދ. އަތޮޅުގެ ރަށްތަކާއި، ނިލަންދޫ އާއި ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން އިދާރީ ގޮތުން ދިމާވާ ގޮންޖެހުން ތަކުގެ ވާހަކަ ހިއްސާކުރެވި ޚިޔާލު ވަނީ ބަދަލު ކުރެވިފައެވެ.

މި ބައްދަލުވުމަށް ފަހު ނިލަންދޫ ކައުންސިލުން ވަނީ ގދ.އަތޮޅު ކައުންސިލްގެ ޓީމަށް ރަށުގެ މުހިންމު ސަރަޙައްދު ދައްކާލާފައެވެ.